މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ނުވަތަ މީސެލްސްއަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 216 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަހައްދުން 17 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއީ އޭގެ ކުރީ ހަފްތާގައި ފެނުނު 13 ކޭސްއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މި އަހަރުގެ ތެރޭގައި ރާއްޖެއިން ހިމަބިހީގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވާތީ، މި ބަލި އަލުން ފެނުމާ ގުޅިގެން އެޗްޕީއޭއިން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ބަލި ޖެހޭ މީހުން މޮނިޓަރު ކުރުމާއި، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އިތުރުން ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 14,701 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެކަހެރިވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. ހުމާއި ރޯގާގެ އިތުރުން ހަށިގަނޑުގައި ރަތްކުލައިގެ ހިމަ ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އަލާމާތް ހުރިނަމަ ކުދިން ސްކޫލަށް ނުފޮނުވުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން، ޗުއްޓީއަށްފަހު މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުންވެސް ބަލީގެ އަލާމާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އެނބުރި ރަށަށް ދިއުމަށްފަހު ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މީހުންގެ ތެރެއަށް ނުނިކުމެ މަޑުކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.