އިނގިރޭސިވިލާތުން ޓެރިފް ކަނޑާލުމާއެކު ރާއްޖޭގައި ވާދަވެރި ބާޒާރެއް އުފެދިއްޖެ: މިނިސްޓަރ ޝިޔާމް

ވަޒީރު ޝިޔާމް މަޖިލީހުގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް
ވަޒީރު ޝިޔާމް މަޖިލީހުގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް

އިނގިރޭސިވިލާތަށް ރާއްޖޭން ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދިޔަ ޓެރިފް އެ ގައުމުން ކަނޑާލުމާ ގުޅިގެން، ރާއްޖޭގައި މަސް ގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އިނގިރޭސިވިލާތުގެ ބާޒާރުން ޓެރިފް ކަނޑާލުމުގެ ސަބަބުން މަސް ބޭރުކުރާ ދިވެހި ކުންފުނިތަކަށް 20 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. މީގެ ސަބަބުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅު ކުރުމުގެ ފުރުސަތު އަމިއްލަ ކުންފުނިތަކަށާއި ސަރުކާރުގެ މަސް ކުންފުންޏަށް ފަހިވެފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ހޮރައިޒަން ފިޝަރީޒް އާއި އެންސިސް ފަދަ އަމިއްލަ ކުންފުނިތަކުގެ އިތުރުން މިފްކޯއިން ވެސް އަންނަނީ ވާދަވެރި އަގުތަކެއްގައި މަސްވެރިންގެ އަތުން މަސް ގަންނަމުންނެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާމުވެގެން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށާއި، މީގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭން އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޕައުންޑުގެ މަސް އިނގިރޭސިވިލާތަށް ބޭރުކުރެއެވެ. މީގެ ކުރިން 20 އިންސައްތައިގެ ޑިއުޓީއެއް ނަގަމުން ދިޔުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަސް ވިއްކުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ނަމަވެސް މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު އިނގިރޭސިވިލާތުން ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލާފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ހަތަރު ބައިކުޅަ އެއްބައި ހިއްސާކުރަނީ އިނގިރޭސި މާކެޓެވެ. އަދި ރާއްޖޭން ބޭރުކުރާ އަގުބޮޑު މަހުގެ އުފެއްދުންތަކުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް ބޭރުކުރަނީ ވެސް އެ ގައުމުގެ ބާޒާރަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ