ޒުވާނުން ބާރުވެރިކުރުވުމުގެ އަޒުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

"އެސްޕްރެސޯ ވިތު ރައީސް" އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
"އެސްޕްރެސޯ ވިތު ރައީސް" އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ކޮންމެ ދިވެހި ޒުވާނަކަށްވެސް އެމީހެއްގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައި، ޒުވާނުން ބާރުވެރިކުރުވުމުގެ އަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، ތަފާތު ރަށްރަށާއި ސަގާފަތްތަކަށް ނިސްބަތްވާ ޒުވާނުންގެ ތަޖުރިބާތައް ތަފާތުވި ނަމަވެސް، ފެންވަރު ރަނގަޅު ތައުލީމާއި، މާނަހުރި ވަޒީފާގެ ފުރުސަތުތަކާއި، އަބުރުވެރި ދިރިއުޅުމަކަށް ހުރިހާ ޒުވާނުންވެސް އުންމީދުކުރާ ކަމަށެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި، ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ދައުރު ނުހަނު ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންނަށް ބޭނުންވާ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ނޭޝަނަލް ސަރވިސް ޕްރޮގްރާމަކީ ތައުލީމީ މަރުހަލާ ނިންމައި ވަޒީފާގެ މައިދާނަށް ނުކުންނަ ޒުވާނުންނަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ މުހިންމު މަޝްރޫއުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ މި ދުވަހުގެ މުނާސަބަތުގައި ޒުވާނުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި، ކޮންމެ ޒުވާނަކީވެސް އަގުހުރި ހުވަފެންތަކެއް ދެކޭނެ މީހެއްކަން ފާހަގަކުރައްވައި، އެންމެހައި ޒުވާނުންނަށް ހަމަހަމަ ފުރުސަތުތައް ލިބޭނެ ފަދަ މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"ޒުވާނުންގެ ހިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ ގައުމީ ތަރައްގީއަށް އަގުހުރި އުންސުރުތަކެއް،" ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ