މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" (އެއިމް) ރަސްމީކޮށް އިފްތިތާހުކޮށް، އެ ތަނުގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޝަރަފުވެރި މެހުމާން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދުގެ އިތުރުން ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވި 29 ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ އިބްރާހީމް ޝަރީފެވެ. އަދި ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ހާއްސަ އެވޯޑްތައް ހަވާލުކޮށްދެއްވީ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީއެވެ. މި ދަރިވަރުން ފުރިހަމަކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކަށް ފެތޭ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ "އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް" ކޯހެކެވެ. މި ކޯސް ކުރިއަށްގެންގޮސްފައިވަނީ 2025 ޖޫން 1 އިން ސެޕްޓެމްބަރު 9 ގެ ނިޔަލަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވީ، "އެއިމް" ގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި މިއީ އެއަރޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން ގެންގުޅޭ ދިގު މުއްދަތުގެ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޔޫގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތައުލީމީ އަދި ހުނަރުވެރި ޖީލެއް ބިނާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ.
މި ސެކިއުރިޓީ މެނޭޖްމަންޓް ކޯހަކީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.