އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު މީހުން ބިނާކުރުން 'އެއިމް' އާއެކު ހަލުވިވާނެ ކަމަށް އެމްއޭސީއެލްގެ އެމްޑީ ވިދާޅުވެއްޖެ

"އެއިމް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްއޭސީއެލް
"އެއިމް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްއޭސީއެލް

އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) ގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ އަދި ގާބިލު މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެ، ހަރުދަނާވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ހަފްލާއަކީ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކުރުމުގެ އިތުރުން، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތު ފާހަގަކުރުމަށް ބޭއްވި ހަފްލާއެކެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ފާހަގަކުރެއްވި ގޮތުގައި، އެމްއޭސީއެލްއަށް ލިބޭ ކޮންމެ ކުރިއެރުމެއްގެ އަސްލަކީ މެދުކެނޑުމެއްނެތި ތަމްރީނުވަމުން އަންނަ، ހުނަރުވެރި މުވައްޒަފުންނެވެ. އެހެންކަމުން، މުވައްޒަފުންގެ އިލްމާއި ހުނަރު ތަރައްގީކުރުމަކީ ކުންފުނީގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

އޭވިއޭޝަން އިންސްޓިޓިއުޓްގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ފޯރުކޮށްދިނުމެވެ. މި އިންސްޓިޓިއުޓް މެދުވެރިކޮށް މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ސަނަދުތައް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ވަޒީފާގެ ކުރިއެރުން ހޯދުމަށާއި، އެއާޕޯޓް އޮޕަރޭޝަންސްގެ އެކި ދާއިރާތަކުން ފަންނީ ގާބިލުކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ ކުންފުނީގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެއިމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެގޮތުން ސެޓްފިކެޓް ލެވެލް 3 އިން އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ވަނީ ސަނަދު ހަވާލުކޮށްފައެވެ. ރަސްމިއްޔާތު ނިންމަވާލައްވަމުން ސީއީއޯ ޝަރީފް ވަނީ ދަސްވެނިވި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އެމްއޭސީއެލްގެ ހުރިހާ މުވައްޒަފުންވެސް މި އިންސްޓިޓިއުޓް މެދުވެރިކޮށް ލިބެން ހުރި ތައުލީމީ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ