އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ، ރާއްޖޭގެ ބޭންކުތަކުން އާންމުންނަށާއި ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ތަފާސްހިސާބުތަކުން ހާމަކުރައްވާފައެވެ. މީސްމީޑިއާގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ވަޒީރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިގުތިސާދާ ގުޅޭގޮތުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި، 2021 ވަނަ އަހަރު ރުފިޔާ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މަހަކު އެވްރެޖްކޮށް ދޫކުރީ 10 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު އެ އަދަދު 39 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދޭ އެހީތެރިކަން 6.7 މިލިއަން ޑޮލަރުން 26.6 މިލިއަން ޑޮލަރަށް މަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ކުރީގެ ސަރުކާރުގައި ޓީޓީ ހަދައިދިން މިންވަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތައުލީމާއި ސިއްހީ ދާއިރާއަށް ބަލާއިރު، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ޑޮލަރު 1.9 މިލިއަނުން 3.6 މިލިއަނަށް އިތުރުވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ބޭސްފަރުވާއަށް ދޫކުރާ ޑޮލަރުގެ މިންވަރު 300,000 ޑޮލަރުން 3 މިލިއަން ޑޮލަރަށް ވަނީ އުފުލިފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވަނީ މާލީ ނިޒާމުގެ ތެރެއަށް ޑޮލަރު ނުވައްދައި، އޭގެ ނާޖާއިޒު ފައިދާ ނަގަން ބަޔަކު މަސައްކަތް ކުރާތީއެވެ.
ސަރުކާރުން މިހާތަނަށް ކުރީގެ ދަރަނީގެ ތެރެއިން 1.2 ބިލިއަން ޑޮލަރު ދައްކާފައިވާކަން ފާހަގަކުރައްވަމުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި މުދަލުގެ އަގު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ގައުމުގެ އިގުތިސާދަށް ގެއްލުންވާ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އިދިކޮޅު ލީޑަރުންނަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.