ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަސް ގާޒީން އައްޔަންކޮށްފި

އަލަށް އައްޔަން ކުރެއްވި ގާޒީން މިއަދު ހުވާ ކުރެއްވުން. ފޮޓޯ: ޖޭއެސްސީ
އަލަށް އައްޔަން ކުރެއްވި ގާޒީން މިއަދު ހުވާ ކުރެއްވުން. ފޮޓޯ: ޖޭއެސްސީ

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ހުސްވެފައިވާ ގާޒީންގެ މަގާމުތަކަށް ޖުމްލަ ފަސް ބޭފުޅަކު އައްޔަންކޮށް، އެ ބޭފުޅުން މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި ބޭފުޅުން އައްޔަންކުރަން ނިންމީ ކުރިމަތިލީ ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހުގައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ ޅ. ކުރެންދޫ ނޫރާނީމާގެ ސުލައިމާން މުޙައްމަދާއި، ހއ. ދިއްދޫ ޑޭޒީމާގެ އަޙްމަދު ތައުފީގުގެ އިތުރުން ތ. ވޭމަންޑޫ ޑްރީމް މުޙައްމަދު ޢަބްދުﷲ އެވެ.

މީގެ ތެރެއިން ސުލައިމާން މުޙައްމަދަކީ ޝަރުއީ ދާއިރާގައި 12 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން ހުންނެވީ ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައެވެ. އަޙްމަދު ތައުފީގަކީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެކި މަގާމުތަކުގައި 18 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި މުޙައްމަދު ޢަބްދުﷲ އަކީ 2017 ވަނަ އަހަރުން ފެށިގެން ޕީޖީ އޮފީހުގެ ސީނިއާ ޕަބްލިކ ޕްރޮސެކިއުޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެއްވީ ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް އަލްއުސްތާޛު މުޙައްމަދު ނިޝާޠާއި ރ. ހުޅުދުއްފާރު ރޯޒްވިލާ އަލްއުސްތާޛާ އާސިޔާ އަޒީމާއެވެ. ނިޝާޠަކީ ޝަރުއީ ދާއިރާގެ އެކި މަގާމުތަކުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އާސިޔާ އަޒީމާ މީގެ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލީގަލް އޮފިސަރުގެ މަގާމާއި ލީގަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ހިމެނެއެވެ.

މި ފަސް ބޭފުޅުން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، ކްރިމިނަލް ކޯޓަށް ގާޒީން ހޯދުމަށް ޖޭއެސްސީން އިއުލާނުކުރީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ