މި އަހަރުގެ ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ދިނުމަށް ކަނޑައެޅި މިންވަރަށް ވުރެ އިތުރަށް 335 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 76 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ހިސާބުތަކަށް ބަލާއިރު، ސަބްސިޑީއަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 2.89 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިހާތަނަށް ވަނީ 3.23 ބިލިއަން ރުފިޔާ އެކަމަށް ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަކޮށްފައިވަނީ 1.84 ބިލިއަން ރުފިޔާއެވެ.
ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވާން މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ. މީގެ ސަބަބުން ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ދޭންޖެހޭ ސަބްސިޑީ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ސްޓެލްކޯއާއި ފެނަކައަށް ފޯރުކޮށްދެނީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން، މާކެޓް އަގަށްވުރެ ހެޔޮކޮށެވެ.
ރާއްޖޭގެ ސަބްސިޑީ ނިޒާމު މިހާރު އޮތް ގޮތުން އެއީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބޭރުގެ މާލީ އިދާރާތަކުންނާއި އޮޑިޓް ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން، ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ލިބޭނެހެން 'ޓާގެޓެޑް' ނިޒާމަކަށް ބަދަލުކުރުމަށް ވަނީ ލަފާދީފައެވެ. މި ސަރުކާރުން އެ ނިޒާމު އިސްލާހުކުރަން ރޭވި ނަމަވެސް، ރައްޔިތުންނަށް ލިބޭ ލުއިތައް ކަނޑާލަން ބޭނުންފުޅު ނުވާތީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ނިންމެވުން މަޑުޖައްސަވާލައްވާފައެވެ.
މި އަހަރު ރާއްޖޭން ދަރަނީގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، މިހާތަނަށް ވަނީ 9.58 ބިލިއަން ރުފިޔާ ދައްކާފައެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ، އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ސަބްސިޑީގެ ހޭދަ އިތުރުވާނެ ކަމަށް ބެލެވެއެވެ.