އެއާ އިންޑިއާގެ ޕައިލެޓަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމުން ގަވާއިދުތައް މުރާޖަޢާކުރަން ފަށައިފި

AirIndiaA350

އެއާ އިންޑިއާގެ ފްލައިޓެއް ދަތުރުމަތީގައި ކުއްލިއަކަށް ތިރިވި ހާދިސާއަކާ ގުޅިގެން، އިންޑިއާގެ ޕައިލެޓުން މަސްތުވާތަކެއްޗަށް ޓެސްޓުކުރުމާ ބެހޭ ގަވާއިދުތައް މުރާޖަޢާކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި މަހުގެ ކުރީކޮޅު ހިނގި އެ ހާދިސާގައި ބޯޓު ދުއްވަން ހުރި ޕައިލެޓް-އިން-ކޮމާންޑް، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެރިޖުއާނާއަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ތައިލެންޑުގެ ފުކެޓުން ފުރައިގެން އިންޑިއާގެ ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ "އޭއައި2379" ފްލައިޓް ވަނީ ދަތުރުމަތީގައި ކުއްލިއަކަށް 300 ފޫޓު ތިރިއަށް ވެއްޓިފައެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި 20 ފަސިންޖަރުންނާއި ހަތަރު ކެބިން ކްރޫއަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގައި 137 ފަސިންޖަރުންނާއި އަށް ކްރޫން ތިއްބެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މިހާރު އަމަލުކުރަމުންދާ ގަވާއިދުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިހާރު އޮންނަ އުސޫލުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ މުވައްޒަފުން ފުރަތަމަ ފޮނުވަނީ ރިހެބިލިޓޭޝަން ޕްރޮގްރާމަކަށެވެ. ނަމަވެސް، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ ރާމްމޯހަން ނައިޑޫ ވިދާޅުވީ، ފަސިންޖަރުންގެ ސަލާމަތަށްޓަކައި މި އުސޫލުތައް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބޯޓުގެ ދެ ޕައިލެޓުން ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ. އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ކުރި ތަހުލީލުތަކުން ޕައިލެޓް-އިން-ކޮމާންޑް މެރިޖުއާނާއަށް ޕޮޒިޓިވްވިކަން ވަނީ ކަށަވަރުވެފައެވެ.

ޕައިލެޓް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް، ބޯޓު ކުއްލިއަކަށް ތިރިވުމަށް މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަހުގީގުގައި ޓެކްނިކަލް މައްސަލަތަކަށް ވެސް ދަނީ ބަލަމުންނެވެ. އެގޮތުން ބޯޓުގެ ހައިޑްރޯލިކް ސިސްޓަމްތަކުގެ ޕްރެޝަރު ދަށްވުމާއި، އޮޓޯޕައިލެޓް ސިސްޓަމް ކެނޑުން ފަދަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ތަހުގީގު ކުރިއަށްގެންދަނީ އެއާބަސް ކުންފުންޏާއި ފަރަންސޭސިވިލާތުގެ އޭވިއޭޝަން ސޭފްޓީ އިދާރާތަކުގެ އެހީތެރިކަމާއެކުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ