މިނިވަންކަން ގެއްލޭފަދަ ހިތި ތަޖުރިބާތަކެއް އިއާދަވިޔަދީގެން ނުވާނެ: ރައީސް

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ރައްޔިތުންނަށް މުހިންމު މެސެޖެއް ދެއްވާފައެވެ. ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި މި މެސެޖުގައި ރައީސް އެދިވަޑައިގަތީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ފަދަ އެއްވެސް ހިތި ތަޖުރިބާއެއް އިއާދަވިޔަ ނުދިނުމަށް ހުރިހާ ދިވެހިން އަޒުމް ކަނޑައެޅުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މީގެ 467 އަހަރު ކުރިން ދިވެހި އުންމަތް ތަޖުރިބާކުރި އަނދިރި ދުވަސްތަކުގެ ހަނދާންތައް އާކުރެއްވިއެވެ. އެގޮތުން، "ކަނޑުގެ ބާޒު" ގެ ނަމުން މަޝްހޫރުވި ޕޯޗުގީޒުންގެ އިސްތިއުމާރީ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމަށް ޤައުމީ ބަތަލުން ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މިނިވަންކަމުގެ މަތިވެރި ނިޢުމަތަކީ ބޮޑެތި ޤުރުބާނީތަކެއްގެ ނަތީޖާކަން ރައީސް ފާހަގަކުރެއްވިއެވެ.

މާޒީގެ ސަފުހާތަކުން ފެންނަން އޮތް ހަގީގަތަކީ، ބޭރުގެ ބާރުތަކުގެ ދަށަށް ރާއްޖެ ދާން މެދުވެރިވި ކޮންމެ ފަހަރަކުވެސް، އެކަމުގެ ފަހަތުގައި ޤައުމަށްވުރެ އަމިއްލަ އެދުން އިސްކުރި ބައެއްގެ ޚިޔާނާތް އޮތްކަން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މިއަދުގެ ޖީލުން އެފަދަ ކަންކަމަށް ހޭލެވި، ޤައުމުގެ ސިޔާދަތާއި އަމިއްލަވަންތަކަން ނަގަހައްޓަން ޖެހޭނެކަމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މީގެއިތުރުން، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަން ލިބިދާނެ ފަދަ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ދިވެހިން ވާންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ކޮންމެ ކަމެއްގައިވެސް "އެންމެ ފުރަތަމަ ޤައުމު" އިސްކުރުމުގެ މަތިވެރި ޝިއާރު ދަމަހައްޓައި، ދިވެހި ޤައުމިއްޔަތުގެ ރޫޙު ހުރިހާ ދަރިންގެ ހިތްތަކުގައި ވަރުގަދަކުރުމަށް ގޮވާލައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ