މެލޭޝިއާގެ ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީ.އައި.އޭ) ތާވަލުކޮށްގެން ކުރާ ކާގޯ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ މެލޭޝިއާގެ ޕެނޭންގް އާއި ރާއްޖެއާ ދެމެދު ސީދާކޮށް ކުރާ ފުރަތަމަ ތާވަލު ކާގޯ ދަތުރުތަކެވެ.
ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުންޏެއް ކަމަށްވާ "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ކުރިއަށްގެންދާ މި ދަތުރުތައް ހަފުތާއަކު ދެ ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ބޯޓުފަހަރެވެ. ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ މުދާ އުފުލުމުގެ ގާބިލުކަން ހުރެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން (އެމް.އޭ.ސީ.އެލް) ބުނި ގޮތުގައި، މި ދަތުރުތަކުގައި އުފުލާ މުދަލުގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން ވެލާނާ އެއާޕޯޓަކީ ބައިނަލްއަގުވާމީ ކާގޯ ގުޅުވައިދޭ މުހިންމު ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ރާޔާ އެއާވޭސް އަކީ ވީ.އައި.އޭ އަށް ތާވަލު ކާގޯ ދަތުރުތައް ކުރާ ދެވަނަ އެއާލައިނެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ވީ.އައި.އޭ އިން ވަނީ 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ މުދާ ހެންޑްލްކޮށްފައެވެ. މިހާރުވެސް ރާއްޖެއާ ދުނިޔޭގެ އެކި މަންޒިލްތަކާ ދެމެދު ކާގޯ ދަތުރުތައް ކުރަމުންދެއެވެ. އޭގެ ތެރޭގައި ބެންގަލޫރު، ޗެންނާއި، ކޮލަމްބޯ، ބެންކޮކް އަދި ދުބައި ފަދަ ސިޓީތައް ހިމެނެއެވެ.