ކަށިމާ އަޙްމަދު ޝާކިރަށް 'ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް' އަރުވައިފި

ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަލްއުސްތާޛް އަޙްމަދު ޝާކިރަށް އެރުވުން. ފޮޓޯ: ރައީސް އޮފީސް
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަލްއުސްތާޛް އަޙްމަދު ޝާކިރަށް އެރުވުން. ފޮޓޯ: ރައީސް އޮފީސް

ދިވެހި ތާރީޚާއި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށާއި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މ. ކަށިމާ، އަލްއުސްތާޛް އަޙްމަދު ޝާކިރަށް "ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް" މިއަދު އަރުވައިފިއެވެ.

މި ޢިއްޒަތް އޭނާއަށް އެރުއްވީ، ހއ. އުތީމުގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ދިވެހި ޤައުމީ ބަހާތަކާއި ރާއްޖޭގެ ތާރީޚަށް އޭނާ ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އެރުވި ޝަރަފެކެވެ.

އަޙްމަދު ޝާކިރު ދައުލަތުގެ ޚިދުމަތް ފެއްޓެވީ 1969 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭނާ ވަނީ ސަރުކާރުގެ ޗާޕުޚާނާއާއި، ޓެލެވިޜަން މޯލްޑިވްސް ފަދަ އިދާރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައެވެ. ޚާއްޞަކޮށް ޓީވީއަށް ޕްރޮގްރާމްތައް އުފެއްދުމާއި، ޑޮކިއުމެންޓްރީތަކަށް އަޑުއެޅުއްވުމުގެ އިތުރުން، "ޣާޒީ ބަންޑާރައިން" ފިލްމުގައި ޙަސަން ތަކުރުފާނުގެ ބައި އަދާކުރައްވައި، އެ ފިލްމުގެ ސްކްރީންޕްލޭ ލިޔުއްވުމުގައިވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ.

ދިވެހި ތާރީޚު ދިރާސާކުރައްވައި ފޮތް ލިޔުއްވުމުގެ ރޮނގުން ޝާކިރު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ނަމުގައި އެއް ޤަރުނުގެ ތާރީޚު ފޮތްތައް އޭނާ ވަނީ އެކުލަވައިލައްވާފައެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

އަޙްމަދު ޝާކިރަކީ ޝަރީޢާ އެންޑް ލޯގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާގެ ޚިދުމަތްތަކަށް މީގެ ކުރިންވެސް ވަނީ ޤައުމީ ފެންވަރުގައި ގިނަ އިނާމުތަކެއް ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި ނޫސްވެރިކަމުގެ ރިހިގަލަމާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހިމެނެއެވެ. މިހާރު އޭނާއަކީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ތާރީޚުގެ އިސްވާރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ