މަސްވެރިކަމާއި ގުޅޭ

ހުރަސްގަޅިލޮނދިމަސް - ފޮޓޯ: ފްލިކްއާރް

ހުރަސްގަޅި ލޮނދިމަސް

މިއީ ރާއްޖޭގެ ފަރުފަޅުތަކުގައި އުޅޭ މަހެކެވެ.

މިއީ ދިވެހިން ކޮށްއުޅޭ އެކިބާވަތްތަކުގެ މަސްވެރިކަމުގައި ބާނާ ނުވަތަ ހިފާއުޅޭ މަހެއްނޫނެވެ. މިބާވަތުގެ މަހުގެ ބޭރުހަމުގައި އާދަޔާ ޚިލާފު ވިހައެއް އެކުލެވޭ ލޮނދީގެ ފަށަލައެއް ލެވިފައި ހުރެއެވެ. މިއީ ފަރުފަޅުތަކުގައި އުޅޭ މިފަދަ ކުދިމަސް ކައިއުޅޭ ބޮޑެތި މަސްމަހުގެ ފަރާތުން ރައްކާތެރިވުމަށް އެމަހުގައި އެކުލެވޭ ވިހައެކެވެ. ވުމާއެކު މިއީ ކެއުމަށް ބޭނުންކޮށްނޫޅޭ، އެކުއޭރިއަމްތަކުގައިވެސް ދިރުވައިގެން ނުގެންގުޅޭމަހެކެވެ.

އެކުއޭރިއަމްގައި މިމަސް ގެންގުޅުމުން އޭގެ ބޭރުގައި ހުންނަ ވިހަލޮނދީގެ ސަބަބުން އެހެނިހެން މަސް މަރުވެއެވެ. މިއީ ފަރުފަޅުގެ އުރަފަށުގައި އުޅޭ ރީތިމަހެކެވެ.

މަހުގެ ކުލައަކީ މަޑުމުށި ރީނދޫކުލައެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ކުރީކޮޅުން ފެށިގެން ލޯހުރަސްކޮށް ތިރިއަށް ގަދަމުށިކުލައިގެ ރޮނގެއް ހުރެއެވެ. އަދި ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގެ ކުލައަކީވެސް ގަދަމުށިކުލައެވެ. މަހުގެ މެދުގައި ހުރަހަށް ވަރަށް ފުޅާ މުށިކުލައިގެ (ގަޅިއެއްގެ ގޮތަށް) ރޮނގެއް ހުރެއެވެ. މިއީ ވަރަށް ލޮނދި، އަތުން ހިފަން އުދަގޫ މަހެކެވެ.

މިމަހަށް ކިޔާ ދިވެހި ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ އިގިރޭސިނަމާއިވެސް ގުޅުމެއް ހުންނަ ގޮތަށް މަހުގައި ހިމެނޭ ޚާއްސަ ސިފަތަކަށް ބަލާ މިމަހަށް "ހުރަސްގަޅިލޮނދިމަސް" ކިޔާ ނަންދީފައިވަނީއެވެ. މިމަސް އެންމެ ބޮޑުވަނީ 25 ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Two-barred soapfish

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!