ގައުމީ ލޯތްބާއި ދިވެހިންނަކީ ވަކިނުކުރެވޭނެ ބައެއްކަން ގައުމީ ދުވަހުން ސާބިތުކޮށްދޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމީ ދުވަހުގެ ޖަލްސާގައި. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމީ ދުވަހުގެ ޖަލްސާގައި. ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ގައުމީ ދުވަސް އިހުތިފާލު ކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގައުމީ ދުވަހުން ބުނެދެނީ ދިވެހިންނާއި ގައުމީ ލޯތްބަކީ ދުވަހަކުވެސް ވަކިނުވާނެ ދެ އަސްލު ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ތާރީޚީ ހާދިސާތަކަށް އަލިއަޅުއްވާލައްވައި، ގައުމީ މަސްލަހަތު އިސްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ނުވަވަނަ ހަސަން ރަސްގެފާނު ބޭރުގެ ބާރުތަކާ ގުޅިވަޑައިގެން ގައުމަށް ގެއްލުންދޭން މަސައްކަތް ކުރެއްވި ނަމަވެސް، އެއިރުގެ ސިޔާސީ ވާދަވެރިން ކަމަށްވާ އަލި ރަސްގެފާނާއި އަބޫބަކުރު ރަސްގެފާނު އެއްގަލަކަށް އަރާވަޑައިގެން ގައުމީ ފަޅި އިހުތިޔާރު ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ ދިވެހިން އަބަދުވެސް ގައުމީ ވިސްނުން އިސްކުރާނެ ކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޙައްމަދު ތަކުރުފާނުގެ ގައުމީ ޖިހާދަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، އެ ޖިހާދުގައި ރާއްޖޭގެ އެކި ފަންތީގެ މީހުން ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި ވެރިންނާއި، ވިޔަފާރިވެރިންނާއި، އިލްމުވެރިންގެ އިތުރުން އާދައިގެ މަސައްކަތްތެރިންވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، ކަޅުއޮއްފުންމި ބަނުމަށް ރާއްޖޭގެ 40 ރަށަކުން 40 މާވަޑިން ބައިވެރިވުމަކީ މުޅި ގައުމު އެއް ރޫހެއްގައި މަސައްކަތް ކުރި ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކާބަފައިންގެ ގުރުބާނީން އިބުރަތް ހާސިލުކޮށް، އެއް އަޒުމެއްގައި ގައުމީ ވިސްނުން ކުރިއަށް ނެރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ. ގައުމީ ދުވަހަކީ މިފަދަ މަތިވެރި ލޯބި ހިތްތަކުގައި އާލާކޮށްދޭ ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ