ދިވެހިރާއްޖޭގައި އެކުލަވައިލެވޭ ޤާނޫނުތަކާއި އެންމެހައި އުސޫލުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެއްވުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.
މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ޤާނޫނުތައް ނުހެދޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން އަމަލީގޮތުން ކަށަވަރުކުރެވޭނެ ނިޒާމެއް މިހާތަނަށް ޤާއިމުވެފައި ނެތް ކަމަށެވެ. މިހާރު އޮންނަ ގޮތުން ޤާނޫނެއްގެ އިސްލާމްވަންތަކަމާމެދު ސުވާލު އުފެދިއްޖެނަމަ، އެކަން ބެލުމުގެ ހުރިހާ ޒިންމާއެއް މަތިކޮށްފައިވަނީ ޝަރުޢީ ކޯޓުތަކަށެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ދިވެހި ޤައުމުގެ އެންމެހައި ކަންކަން އެތުރިފައިވަނީ އިސްލާމްދީނުގެ ޖައުހަރުގެ ވަށައިގެންނެވެ. އަދި ދިވެހި ޤައުމިއްޔަތުގެ މަދަކީ ކީރިތި ޤުރުއާންކަން ފާހަގަކުރައްވައި، ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނާ އޮތީ ލާމެހިފައިވާ ގުޅުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތާރީޚީ ހެކިތަކަށް ބައްލަވައި ރައީސް ވިދާޅުވީ، އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަންނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރަން އަޅުގަނޑު ގަސްތުކުރަން." - ރައީސް މުޢިއްޒު
މިފަދަ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިއީ ދިވެހި ދައުލަތުގެ އިސްލާމީ ސިފަ ހަރުދަނާކޮށް، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.