މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު، ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. މި އިނާމަކީ އެކި ދާއިރާތަކުން ގައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރައްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އިނާމެކެވެ.
މިއަހަރު މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނާއި ދާއިރާތަކަކީ:
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: އަލްއުސްތާޛާ ޙައްވާ ލަޠީފް (ގއ. ދާންދޫ)
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ނަޞީރު (ހދ. ވައިކަރަދޫ)
- ދިވެހި ތާރީޚުގެ ދާއިރާއިން: ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު
- ޞިއްޙީ ދާއިރާއިން: އަލްފާޟިލް މުޙައްމަދު އަޙްމަދު
- އިމާރާތްކުރުމާއި ފަރުމާކުރުމުގެ ދާއިރާއިން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- މުއާޞަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން: އަލްފާޟިލް އަރުޝަދު އަޙްމަދު (ހއ. އުލިގަން)
- ކުޅިވަރުގެ ދާއިރާއިން: އަލްފާޟިލާ ޢާއިޝަތު ނައުރާ
- ވިޜުއަލް އާޓްސްގެ ދާއިރާއިން: އަލްފާޟިލް އިސްމާޢީލް ޢަބްދުލްޣަފޫރު
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ. ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ބޭއްވުމަކީ މި ދުވަހުގެ މުނާސަބަތުގައި ލިބުނު ހާއްސަ އުފަލެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.