ކުޅިވަރުގެ ދާއިރާއިން އަލްމަރުހޫމް އިހުސާން އަބްދުލްޣަނީއަށް ގައުމީ އިނާމު އަރުވައިފި

މަރުހޫމް އިހުސާން އަބްދުލްޣަނީގެ ކޮއްކޮ އަހުސަން އަބްދުލްޣަނީ ގައުމީ އިނާމާ ހަވާލުވެލައްވަނީ
މަރުހޫމް އިހުސާން އަބްދުލްޣަނީގެ ކޮއްކޮ އަހުސަން އަބްދުލްޣަނީ ގައުމީ އިނާމާ ހަވާލުވެލައްވަނީ

ދިވެހި ފުޓްބޯޅައިގެ ދާއިރާއިން، ހާއްސަކޮށް ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ގ. އިލާ، އަލްމަރުހޫމް އިހުސާން އަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް ހިދުމަތުގެ ގައުމީ އިނާމު އަރުވައިފިއެވެ.

މި އިނާމާ ހަވާލުވެލެއްވީ ސާންތީގެ ކޮއްކޮ އަހުސަން އަބްދުލްޣަނީއެވެ. ސާންތީއަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކޯޗުގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. އޭނާ ފުޓްބޯޅައިގެ ތެރެއަށް ވެދެވަޑައިގަތީ މަޖީދިއްޔާ ސްކޫލާއި ޔޫތު ސްޕޯޓްސް ކްލަބުގެ ހުނަރުވެރި މިޑްފީލްޑަރެއްގެ ގޮތުގައެވެ. ނަމަވެސް، ޒުވާން އުމުރުފުޅުގައި އޭނާ ބޮޑަށް ހާއްސަވެވަޑައިގަތީ ކޯޗިންގެ ދާއިރާއަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހީ ބޮޑެތި ކާމިޔާބީތަކުގައި ސާންތީގެ ހިއްސާ ވަރަށް ބޮޑެވެ. އެގޮތުން 2004 ވަނަ އަހަރު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅެ ރާއްޖެއިން އެއްވަރުކުރި ތާރީހީ މެޗުގައި އޭނާ ހުންނެވީ އެސިސްޓެންޓް ކޯޗެއްގެ މަގާމުގައެވެ. އަދި 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އޭނާއަކީ ހެޑް ކޯޗުގެ އެންމެ އިސް އެސިސްޓެންޓެވެ. އޭގެ 10 އަހަރު ފަހުން 2018 ގައި ރާއްޖެއިން ދެވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކުރިއިރު، ސާންތީ ހުންނެވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައެވެ.

ކްލަބް ފެންވަރުގައި ބަލާއިރު، ކްލަބް އީގަލްސްއަށް ޒުވާން ކުޅުންތެރިން ތައާރުފުކޮށް، އެ ޓީމާއެކު 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމަކީ ސާންތީގެ ކޯޗިން ހަޔާތުގެ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އޭނާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ކުޅުންތެރިން ހޯދައި، އެ ކުޅުންތެރިން ކުރިއެރުވުމަށް ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ހިދުމަތްތެރިއެކެވެ. ދިވެހި ފުޓްބޯޅައަށް ބޮޑު ހުސްކަމެއް ގެނުވި ސާންތީ އަވަހާރަވީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ