ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު މާހިރު މަގާމުން ވަކިވެވަޑައިގަތުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ ގަބޫލުކޮށްފައެވެ.
މި ނިންމުމާއެކު، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަނޑިޔާރު މާހިރު ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ.
ފަނޑިޔާރު މާހިރުގެ ގާނޫނީ ހިދުމަތުގެ ދަތުރު ފެއްޓެވީ 9 ނޮވެމްބަރު 2005 ގައި އޭރުގެ މަދަނީ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުންނެވެ. އޭގެ ފަހުން 23 މެއި 2010 ގައި ފެމިލީ ކޯޓުގެ ގާޒީކަމަށް ބަދަލުވެވަޑައިގެން، ގިނަ ދުވަސްތަކެއް ވަންދެން އެ ކޯޓުގައި މަސައްކަތް ކުރެއްވިއެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އޭނާ އައްޔަން ކުރެވުނީ 13 އޮކްޓޫބަރު 2022 ގައެވެ.
ފަނޑިޔާރު މާހިރު ރިޓަޔާ ކުރައްވަން ނިންމެވި ވަކި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭނާ މަގާމުން ވަކިވެވަޑައިގަތުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 10 އަށް މަދުވާނެއެވެ. ގާނޫނުގައި ބުނާ ގޮތުން ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަން ޖެހެއެވެ. ނަމަވެސް، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.