ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރެއްގެ ދައުރު ހަމަވާތީ، އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މަޖިލީހަށް ފޮނުއްވި ދެ ނަމަކީ މިހާރު ވެސް އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި ސަމާއު އަޙްމަދު ނަޖީބާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޝަމްޢޫން ޙަމީދުގެ ނަމެވެ. މި ދެ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާފައިވަނީ ޝަމްޢޫން ޙަމީދަށެވެ. މި ނަންތައް ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ސަމާއު އަޙްމަދު ނަޖީބަކީ 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާގެ ފަސް އަހަރުގެ ދައުރު އަންނަ މަހު ހަމަވާނެއެވެ. ސަމާއު ވަނީ މީގެ ކުރިން ބަންޑާރަނައިބުގެ އޮފީހުގެ ސްޓޭޓް އެޓާނީ ކަމާއި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމު ފުރުއްވާފައެވެ. އޭނާއަކީ އޮސްޓްރޭލިއާގެ މެލްބަން ޔުނިވާސިޓީން ހިއުމަން ރައިޓްސް ލޯ އިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް އިސްކަން ދެއްވި ޝަމްޢޫން ޙަމީދަކީ 1986 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި، ހެރިޓޭޖް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައެވެ. މީގެ އިތުރުން ނޭޝަނަލް ސެންޓަ ފޯ ދި އާޓްސްގެ ޑިރެކްޓަރު ޖެނެރަލްކަން ވެސް އޭނާ ކުރެއްވިއެވެ.
އެޗްއާރުސީއެމްގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ ބޭފުޅެކެވެ.