އަންހެން ކުދިންނަށް ޚާއްސަކޮށްގެން އިންޑިއާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ސެޓެލައިޓް މަޝްރޫއެއްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރަކަށް ލިބިއްޖެއެވެ. "މިޝަން ޝަކްތީސެޓް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ބައިވެރިވަނީ ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ އާމިނަތު ނޯޔާ ސަމީހެވެ.
ނޯޔާއަށް މި ފުރުސަތު ފަހިކޮށްދީފައިވަނީ އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ވުމެން އިން މެނޭޖްމަންޓް (ވިމް) އިންނެވެ. މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ހަރަކާތްތައް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާނީ މި މަހުގެ 23 އިން 31 ގެ ނިޔަލަށެވެ. މި ފިޔަވަހީގައި ބައިވެރިވާ ދަރިވަރުންނަށް ސެޓެލައިޓް ރޭވުމާއި އުފެއްދުމުގެ އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ދަރިވަރުން ވަނީ އޮންލައިންކޮށް ސްޕޭސް އިންޖިނިއަރިންގެ މުހިންމު ބައިތަކެއް ކަމަށްވާ އޯބިޓަލް މެކޭނިކްސް އާއި ސެޓެލައިޓް ޕްރޮޕަލްޝަން ފަދަ މައުޟޫއުތައް އުނގެނިފައެވެ. ދުނިޔޭގެ 108 ގައުމަކުން 12,000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ މި ބޮޑު ހަރަކާތުގެ ދެވަނަ ފިޔަވަހީގައި ކޮންމެ ގައުމަކުންވެސް ހޮވާލެވޭ މަދު ދަރިވަރުންތަކަކަށް އިންޑިއާގައި އަމަލީ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ.
"މިޝަން ޝަކްތީސެޓް" ގެ ދަށުން އުފައްދާ ސެޓެލައިޓް ޖައްވަށް ފޮނުވާލުމަށް ނުވަތަ ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ ދަރިވަރަކަށް ސްޕޭސް ސައިންސްގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ފާހަގަކޮށްލެވޭ ފުރުސަތެކެވެ.