ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ހޮޓެލިއަރ
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ހޮޓެލިއަރ

ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓުއާ އޮޕަރޭޓަރުންނާއި، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދެވެ. މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކޮށް، ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ބުކިން ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ޓެކްސް ނެގުމުގެ އުސޫލުތައް ކަނޑައެޅުމެވެ. މީގެ އިތުރުން، މިހާރު ޓެކްސް ނިޒާމު ތަންފީޒުކުރުމުގައި ހުރި ދަތިތައް ހައްލުކޮށް، ނިޒާމު އިތުރަށް ހަރުދަނާކުރުންވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައިވާ ގޮތުން، ބޭރުގެ މިފަދަ ވިޔަފާރިތަކަކީ ރާއްޖޭގައި ގާއިމުވެ ތިބޭ ބައެއް ނޫން ކަމުން، އެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީކޮށް ޓެކްސް ދެއްކުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް މީރާ މެދުވެރިކޮށް ހަމަޖައްސައިދޭނެއެވެ. މި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

އާމްދަނީގެ އަންދާޒާތަކަށް ބަލާއިރު، ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ އަދި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެއެވެ. އެހެންކަމުން، މި އިސްލާހުގެ ސަބަބުން އަހަރަކު ޖުމްލަ 1.6 ބިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ނިޒާމު ތަންފީޒުކުރުމަށްޓަކައި މީރާއިން ކުރަންޖެހޭ އިދާރީ ހަރަދުތަކުގެ ތަފްސީލުވެސް ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން، އެއްފަހަރު ކުރަންޖެހޭ ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އަދި މުވައްޒަފުންގެ މުސާރަ ފަދަ ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ