އިންޑޮނޭޝިއާގެ ފްލޯރެސް ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރެކްޓާ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާ ގަޑިން ފަތިހު 5:58 ހާއިރުއެވެ. ބިމުގެ 10 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް 51 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ މިއަހަރުގެ އޭޕްރިލް މަހުގެ ފަހުން އެ ގައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުން ކަމަށްވެސް ރެކޯޑު ކުރެވިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑޮނޭޝިއާގެ ރައީސަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވަނީ ފޮނުއްވާފައެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ހަމްދަރުދީ ފާޅުކުރެއްވިއެވެ.
މީގެއިތުރުން، ގެދޮރު ގެއްލި ހާލުގައި ޖެހުނު އާއިލާތަކާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އިންޑޮނޭޝިއާގެ ރައްޔިތުންނަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި ހެޔޮދުއާ ފޮނުއްވަމުންނެވެ.