މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފި

ހ. ފަހިވައި ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން
ހ. ފަހިވައި ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން

މާލޭގެ ބޮޑުރަސްގެފާނު މަގުގައި ހުންނަ ހ. ފަހިވައި ގޭގެ ހަތްވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ތަނުގައި ދިރިއުޅެމުންދިޔަ ހަތަރު މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފިއެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގި ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ ތިން އަންހެނުންނާއި ފިރިހެނަކަށް ކުރިއަށް އޮތް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ އެހީތެރިކަން މިހާރު ވަނީ ފޯރުކޮށްދީފައެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ. ރޭ ގާތްގަނޑަކަށް 21:00 ހާއިރު ހިނގި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ފުލުހުން އަދި އެންޑީއެމްއޭއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. ސިފައިން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 21:25 ހާއިރުއެވެ.

މި ހާދިސާގައި އެޕާޓްމަންޓުގެ އެތެރެއަށާއި ހިފާގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އަދި އިމާރާތުގެ އެހެން ފަންގިފިލާތަކަށް ދުމުގެ އަސަރު ކުރި ނަމަވެސް، އެ ތަންތަނަކީ މީހުންނަށް ދިރިނޫޅެވޭ ވަރުގެ ގެއްލުމެއް ލިބުނު ތަންތަން ނޫން ކަމަށް އެންޑީއެމްއޭއިން ފާހަގަކުރެއެވެ. މިހާރު އެ އިމާރާތުގައި ދުމުގެ އަސަރު އެއްކޮށް ފިލާފައިވާ ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އިތުރު އާންމު ރައްޔިތަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އަލިފާން ނިއްވުމުގެ މަސައްކަތުގެ ތެރޭގައި ޓެރަސްގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލަން އުޅުމުގެ ތެރޭގައި ފުލުހެއްގެ އަތް ކަނޑައިގެން ގޮސް އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ