ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުމުގެ މަގްސަދުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރާ ދެމެދު 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީގައެވެ.
މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ފަރާތުން ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ހަސަން ޒަރީރުއެވެ. އަދި މި މަޝްރޫއު ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން ޕްރޮޖެކްޓް އެގްރީމަންޓުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން މި ދެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގް އެވެ.
މި އެހީގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، ސަރުކާރުން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުމެވެ. މި ފެސިލިޓީއަކީ ސަރުކާރުން ބޭރުގެ މަލްޓިލެޓަރަލް ބޭންކުތަކުން ކޮންސެޝަނަލް ނުވަތަ ލުއި ފައިނޭންސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހަމަޖެހުނު މާލީ އެހީތެރިކަމެކެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މިފަދަ ލުއި ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި މިއީ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީއާއި، އެސްޓީއޯގެ އިތުރުން އޭޑީބީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.