އެމެރިކާގެ އަސްކަރީ މަތިންދާބޯޓުން ކުރި މަސައްކަތުން ވެސް ގެއްލުނު މީހުންގެ ނިޝާނެއް ނުފެނުނު

Simple-OG (35)

"ފްރެންޑް-4" އުޅަނދުން ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުން އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ވެސް އެ މީހުންނާ ގުޅޭ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ދިޔަވެ އަޑިއަށް ދިޔަ މި ސަޕްލައި ދޯނީގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ވަނީ ގެއްލިފައެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދޯނީގެ ކައްޕި ތ. މަޑިފުށީ މުހައްމަދު ހަމްދޫނާއި، ޕޮލިސް ސާޖަންޓް އަލީ ނާފިއު އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް އެހީތެރިވުމަށް އެމެރިކާގެ އަސްކަރީ 'ޕީ-8' މަރުކާގެ މަތިންދާބޯޓެއް އިއްޔެ ހަރަކާތްތެރިވެފައިވާ ކަމަށެވެ. އިއްޔެ މެންދުރުފަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ގެއްލުނު މީހުންނާ ގުޅޭ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

މި ދަނޑިވަޅުގައި އެމެރިކާ ސަރުކާރުން ދިން އަވަސް އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އޮތް ބައިވެރިވުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތުގައި ސަރުކާރުގެ ހުރިހާ އިދާރާތަކަކުން ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމަށާއި، ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ