ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ދޯނިން ގެއްލުނު މީހުން ފެނުމުގެ އުންމީދު ކުޑަވެއްޖެ

Simple-OG (30)

ހުވަދޫ ކަނޑަށް އަޑިއަށްދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު އެއްކޮށް ބަލާފައިވާ ކަމަށާއި، ނަމަވެސް އެ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ހިނގި މި ހާދިސާގައި ދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މިއީ ޑައިވަރުންނަށް ނުވަތަ އަސްކަރީ ސަބްމެރިންތަކަށް ވެސް ފީނޭނެ ފުންމިނެއް ނޫނެވެ. އެހެންކަމުން އަޑިއަށްދިޔަ ދޯނި އޮތް ހިސާބަށް ދިއުމަކީ އިންސާނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ސިފައިން ފާހަގަކުރެއެވެ.

މި އޮޕަރޭޝަންގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. އެގޮތުން ސިފައިންގެ "ޓީބީ2" ޑްރޯންތަކާއި، ކޯސްޓްގާޑްގެ އުޅަނދުފަހަރުގެ އިތުރުން އެމެރިކާ ނޭވީގެ ޕީ-8 މަރުކާގެ މަތިންދާބޯޓެއް ވެސް ވަނީ ބޭނުންކޮށްފައެވެ. އިއްޔެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 2,790 އަކަ ނޯޓިކަލް މޭލު އަދި ފަރުތަކާއި ގޮނޑުދޮށްތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ޕޮލިސް ސާޖަންޓް އަލީ ނާފިއު (33އ) އާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39އ) އަދި ދޯނީގެ ކައްޕި ތ. މަޑިފުށީ މުހައްމަދު ހަމްދޫން (35އ) އެވެ. ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ސަލާމަތް ކުރެވުނީ އެ ވަގުތު އެ ސަރަހައްދުގައި އޮތް ލޭންޑިން ކްރާފްޓަކާއި ފުލުހުންނާއި ސިފައިންގެ ލޯންޗެއްގެ އެހީގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ