ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް ދެގުނަ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު. ފޮޓޯ: މަޖިލިސް
މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު. ފޮޓޯ: މަޖިލިސް

ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް ދެގުނަ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވީ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރެވެ.

މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރުގެ ކުންފުނިތަކާ ދެމެދު ވާދަވެރި އަދި ހަމަހަމަ މާހައުލެއް ގާއިމުކުރުމެވެ. މިހާރު އޮތް ގާނޫނުގެ ދަށުން ބޭރުގެ ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރާއިރު ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި އުނިކުރަނީ ފަސް އިންސައްތައެވެ. ނަމަވެސް، ހުށަހަޅާފައިވާ އިސްލާހާއެކު މި އަދަދު 10 އިންސައްތައަށް ބޮޑުވެގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ވިތުހޯލްޑިން ޓެކުހަކީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ކުރާ މަސައްކަތްތަކުން ލިބޭ އާމްދަނީން، އެ ފަރާތްތަކަށް ފައިސާ ދިނުމުގެ ކުރިން ދައުލަތަށް ނަގާ ޓެކުހެކެވެ. މީގެ ތެރޭގައި ކޮންޓްރެކްޓް މަސައްކަތްތަކުގެ އިތުރުން ރޯޔަލްޓީ އާއި ޓެކްނިކަލް ފީ ފަދަ ހިދުމަތްތަކަށް ދައްކާ ފައިސާ ހިމެނެއެވެ. މި ބަދަލުގެ ސަބަބުން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ހޯދާ އާމްދަނީން ދައުލަތަށް ލިބެންޖެހޭ ޓެކްސް ކަށަވަރުކުރެވި، ޓެކްސް ނުދައްކައި ފައިސާ ބޭރުވުން ހުއްޓުވުމަށް މަގުފަހިވާނެއެވެ.

މީގެ އިތުރުން، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުމަށް ވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި އިސްލާހުތައް ފާސްވެ އަމަލުކުރަން ފެށުމުން، ދައުލަތުގެ އާމްދަނީއަށް އަހަރަކު ގާތްގަނޑަކަށް 1.61 ބިލިއަން ރުފިޔާ އިތުރުވާނެއެވެ. ނަމަވެސް މި ނިޒާމު ތަންފީޒުކުރުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ހަރަދުތަކެއް ހުރިކަން ވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ބިލު ވަނީ ބަލައިގެންފައެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ވެސް ތާއީދާއެކު މި ބިލު މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ