ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅަށް ނުވަތަ އެއާ އިދިކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސްއެވެ.
މަޖިލީހުގެ މިހާރުގެ ގަވައިދު ބުނާގޮތުން، މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއްގެ ޝަރުތުތަކުގެ ތެރޭގައި، ކުރިން ހުށަހެޅިފައިވާ ޕެޓިޝަނެއްގައި އެދިފައިވާ ކަމެއް އަލުން އެދި ހުށަހެޅުން މަނާކުރެއެވެ. މަމްދޫހު ހުށަހެޅުއްވީ މި ޝަރުތު އުނިކުރުމަށެވެ. މި ބަދަލު ގެނައުމުން، ވަކި ކަމަކާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅަށް އަނެއް ފަރާތުން ވެސް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި އިސްލާހު ހުށަހަޅާފައި މިވަނީ، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. އެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން މަޖިލީހުގެ ތަޅުމަށް އެޖެންޑާ ކުރަން ނިންމާފައި ވަނިކޮށް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ބިލު ފާސްކުރުމަށް ގޮވާލައި 850 އަށް ވުރެ ގިނަ ސޮޔާއެކު އިދިކޮޅު ޕެޓިޝަނެއް ހުށަހަޅާފައެވެ.
ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ބުނާ ގޮތުގައި، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަކީ ރަށްރަށުގައި އަސާސީ ހިދުމަތްތައް އަވަސްކުރުމަށް މަގުފަހިވާނެ ބިލެކެވެ. އަދި ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަކީ ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ އެއްޗެއް ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މަމްދޫހު ހުށަހެޅުއްވި މި އިސްލާހު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ކުރިއަށް ގެންދާނެއެވެ. މި ބަދަލު ފާސްވެއްޖެނަމަ، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ދެ ފަރާތުގެ ޝުއޫރުތައް ވެސް ރަސްމީކޮށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.