ދިވެހި ރެޑް ކްރެސެންޓުން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 14 ފަންގިފިލާގެ "ދަ ކްރެސެންޓް ޓަވަރު" މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ ހުޅުމާލެ ފޭސް 1 ގެ މިރިހި މަގުގައި އޮންނަ އެ ޖަމިއްޔާގެ އަމިއްލަ ބިމުގައި، ޖުމްލަ 70،000 އަކަފޫޓުގެ ފްލޯ އޭރިއާއަކާއެކު ބިނާކުރާ އިމާރާތެކެވެ.
މި ޓަވަރުގައި ރެޑް ކްރެސެންޓުގެ މައި އޮފީހާއި ކޮމިއުނިޓީ ހޯލުގެ އިތުރުން، އާންމުންނަށް ބޭނުންތެރި ގިނަ ވަސީލަތްތަކެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކެފޭ، ބިޒްނަސް ލައުންޖް، ޖިމް، ކިޑްސް ކްލަބް އަދި އޮފީސް ޖާގަތައް ހިމެނެއެވެ. މި މަޝްރޫޢުގެ ފައިނޭންޝަލް އެޑްވައިޒަރ އަދި ޕްރޮޖެކްޓް މެނޭޖަރުގެ ދައުރު އަދާކުރަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ.

ފަސްޓް ނެޝަނަލްގެ ސީއީއޯ ޙަސަން ޒިޔަތު ވިދާޅުވި ގޮތުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އިތުރުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ގޮތަށް ފަންޑު ހޯދަން ނިންމުމުން، މުސްތަޤުބަލުގައި އިޖުތިމާއީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދިއުމަށް މަގުފަހިވާނެއެވެ.
މި މަޝްރޫޢުގައި ބައިވެރިވުމަށް ރެޑް ކްރެސެންޓުން ވަނީ ހަތަރު ގޮތެއް ހުޅުވާލާފައެވެ:
- ޑޯނަރއެއްގެ ގޮތުގައި އެހީތެރިވުން
- ފަންގިފިލާތައް ލީސްކޮށްގެން ބައިވެރިވުން
- މަޝްރޫޢަށް ފައިނޭންސް ކުރުން
- މަޝްރޫޢުގެ ވަކިވަކި ބައިތައް ސްޕޮންސަރ ކުރުން
ކޮންމެ ފަރާތަކަށްވެސް 1،000 ރުފިޔާގެ ޑޮނޭޝަނަކާއެކު މި މަޝްރޫޢުގައި ބައިވެރިވެވޭނެއެވެ. އަދި 500،000 ރުފިޔާގެ ކޯޕަރޭޓް ސްޕޮންސަރޝިޕް ދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ "ރިކޮގްނިޝަން ވޯލް" އެއްގައި ނަން ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އެންމެ ފުރަތަމަ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ބައިވެރިވެފައެވެ.
މަޝްރޫޢާ ބެހޭ އިތުރު މަޢުލޫމާތާއި ޑިޒައިން ކޮންސެޕްޓްތައް www.thecrescenttower.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ. ދިވެހި ރެޑް ކްރެސެންޓަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޤައުމީ ޖަމިއްޔާއެކެވެ.