އުތީމު ގަނޑުވަރުގެ އާބާތުރަފިލުވުމުގެ މަސައްކަތްތައް ނިންމުމަށްފަހު، މިއަދު އަލުން އާއްމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންނެވެ.
އެ މަރުކަޒުން މަޢުލޫމާތު ދެއްވާ ގޮތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ގަނޑުވަރު ހުޅުވާފައި ހުންނާނެއެވެ. މި ދުވަސްތަކުގައި ގަނޑުވަރު ހުޅުވާފައި ހުންނާނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ. ގަނޑުވަރު ބަލާލުމަށް ބޭނުންވާ ފަރާތްތަކަށް ޓިކެޓް ވިއްކުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހެނދުނު 08:15 އިން ފެށިގެން މެންދުރުފަހު 13:30 އާ ހަމައަށެވެ.
އުތީމު ގަނޑުވަރަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ބިނާއެކެވެ. މިއީ ޤައުމީ ދުވަހުގެ ބަތަލު، އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޡަމް ނުވަތަ ބޮޑުތަކުރުފާނަށް ނިސްބަތްވާ ތާރީޚީ ގެކޮޅެވެ. މި ބިނާގައި ހިމެނޭ ތަފާތު ފަރުމާތަކާއި، އާދަޔާޚިލާފު ކަންތައްތަކުގެ ސަބަބުން މިއީ ދިވެހިންގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް ނުހަނު މަޤުބޫލު ތަނެކެވެ.
ގަނޑުވަރުގެ އާބާތުރަފިލުވުމުގެ މަސައްކަތަކީ އެތަނުގެ އަސްލު ނުގެއްލޭނެހެން، ތާރީޚީ އަގު ހިފެހެއްޓުމަށްޓަކައި ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. މި ބިނާގައި ހުރި އާސާރީ ތަކެއްޗާއި، އިމާރާތުގެ ބައިތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ދިވެހި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.