ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ނިންމި ފަރާތްތަކަށް ކަސްޓަމްސްއިން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

ކަސްޓަމްސް މުވައްޒަފުން ހުވައިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކަސްޓަމްސް
ކަސްޓަމްސް މުވައްޒަފުން ހުވައިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކަސްޓަމްސް

ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެސިސްޓެންޓް ކަސްޓަމްސް އޮފިސާ ޓްރޭނީގެ މަގާމަށް 26 މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން 'ޑީ' ފާސް ލިބުމާއެކު ދިވެހި މާއްދާއިން 'ސީ' ފާސް ލިބިފައިވުން، ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް ތިނެއްގެ ސަނަދެއް އޮތުމާއެކު ދިވެހިން 'ސީ' ފާސް ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން، ގައުމީ ފެންވަރުގެ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމެއް ނިންމައި ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ވަޒީފާއަށް ހޮވޭ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 10,000 އެއްހާ ރުފިޔާ ލިބޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 5,000 ރުފިޔާގެ އަސާސީ މުސާރައާއި، 4,660 ރުފިޔާގެ ސާވިސް އެލަވަންސެވެ. މީގެ އިތުރުން، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ އިނާޔަތަކާއި، ކޮއްތު ފައިސާއާއި އިތުރުގަޑީގެ ފައިސާ ވެސް ހަމަޖެހިފައިވާ އުސޫލުން ލިބޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަން ޖެހެނީ ކަސްޓަމްސްގެ ރެކްރޫޓްމެންޓް ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު 14:00 އެވެ. މީހުން ހޮވުމުގައި ތައުލީމީ ފެންވަރަށް ބެލުމަށްފަހު، ފިޒިކަލް ފިޓްނަސް ޓެސްޓަކާއި، ޕްރެޒެންޓޭޝަނެއްގެ އިތުރުން އިންޓަވިއުއެއް ކުރިއަށް ގެންދާނެއެވެ.

ކަސްޓަމްސްއިން އިތުރަށް ބުނި ގޮތުގައި، މި އަހަރުގެ މާރިޗު މަހު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުން، މި އިއުލާނުގެ ދަށުން ވެސް ކުރިމަތިލާފައިވާ ކަމަށް ބެލެވޭނެއެވެ. ވަޒީފާއަށް ހޮވޭ ފަރާތްތަކުން ކަސްޓަމްސް ސްޓަޑީޒް ކޯސް ފުރިހަމަކުރަން ޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ