ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކޮށް، އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ފަށައިފި: ވަޒީރު

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު. ފޮޓޯ: މަޖިލިސް
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު. ފޮޓޯ: މަޖިލިސް

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މާލީ ރިފޯމް ކޮމިޝަނުން މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް "ރައިޓްސައިޒް" ކުރުން ނުވަތަ އެކަށީގެންވާ މިންވަރަށް މުވައްޒަފުންގެ އަދަދު ތަރުތީބުކުރުން ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން މުސާރައަށް ކުރަންޖެހޭ ހޭދައަކީ ބަޖެޓަށް އޮތް އެންމެ ބޮޑު ބުރައެވެ. އެހެންކަމުން، މުސާރަތަކަށް ކުރާ ހޭދަ ކުޑަވާނެ ގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މިދިޔަ އޭޕްރީލް މަހު ސާކިއުލާއެއް ނެރެފައެވެ. އެ ސާކިއުލާގައިވާ ގޮތުން، ޖުލައި 13 އިން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ނިންމަންޖެހެއެވެ.

ކުންފުނިތަކުގެ ސައިޒު ކުޑަކުރުމުގެ އިތުރުން، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމެކެވެ. މި ނިންމެވުންތައް ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މީގެ ކުރިން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ