ދައުލަތުން ދައްކަންޖެހޭ ދަރަނިތައް ގަވާއިދުން އަދާކުރަމުންދާތީ، ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެފައިވާ ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުން ދައްކަންޖެހޭ ލޯނުތަކާއި އެކި މާލީ ފެސިލިޓީތައް ދެއްކުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް، ފަހަކަށް އައިސް ސުކޫކަށް ދައްކަންޖެހުނު ބޮޑު އަދަދު ދެއްކުމާ ގުޅިގެން ރާއްޖޭގެ ކްރެޑިޓް ރޭޓިންގްއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން ވަނީ 524 މިލިއަން ޑޮލަރުގެ ސުކޫކަކާއި، އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ދައްކާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދަރަނިތައް އަދާކޮށްފައިވަނީ ދައުލަތުގެ އެއްވެސް ހަރުމުދަލެއް ވިއްކާނުލައި އަދި ރަހުނެއްވެސް ނުކޮށް ކަމަށެވެ. އަދި މީގެ ކުރިން ރަހުނުކޮށްފައި ހުރި ބައެއް ތަންތަން މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންވެސްޓަރުންނާ ބައްދަލުވާއިރު ރާއްޖޭގެ އިގްތިސާދާ މެދު އެ ފަރާތްތަކުން ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ލޯނުތައް ސާވިސް ކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށްދާތީ އިގްތިސާދަށް އޮތް ކޮންފިޑެންސް ވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ވަންނާނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.