މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އައި މަޑުޖެހުމުން އަރައިގަނެ، މި ހިނގާ އޯގަސްޓު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 112,116 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 107,846 ފަތުރުވެރިންނާ އަޅާބަލާއިރު ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، މާޗު މަހުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އެގޮތުން މާޗު މަހު ފަތުރުވެރިން އައި މިންވަރު 19.8 އިންސައްތަ ދަށްވިއިރު، އޭޕްރީލު މަހު އެ އަދަދު ވަނީ 24.4 އިންސައްތައަށް ވެއްޓިފައެވެ. މީގެ އިތުރުން ޖޫން މަހު 12 އިންސައްތަ އަދި ޖުލައި މަހު 1.9 އިންސައްތައިގެ ދަށްވުމެއް ވަނީ ރެކޯޑުކުރެވިފައެވެ.
ހަނގުރާމަ ފެށުނު ފަހުން ފަތުރުވެރިން އައި މިންވަރު އިތުރުވި ހަމައެކަނި މަހަކީ މޭ މަހެވެ. އެ މަހު 142,555 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އެއީ ކުރީ އަހަރާ އަޅާބަލާއިރު 1.7 އިންސައްތައިގެ އިތުރުވުމެކެވެ.
ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށްޓަކައި ސަރުކާރާއި ސިނާއަތުގެ އިސް ފަރާތްތަކުން ވަނީ މެދުއިރުމަތީގެ މަގުތަކަށް ބަރޯސާވުން ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ޗައިނާއާއި ރަޝިޔާ ފަދަ ބޮޑެތި މާކެޓުތަކުގައި މާކެޓިން ހަރަކާތްތައް ވަރުގަދަކުރުން ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖެއަށް ފަތުރުވެރިން އަންނާނެ އައު މަގުތައް ހޯދުމުގެ ގޮން އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައި، އިތޯޕިއަން އެއާލައިންސްގެ ދަތުރުތައް ވެސް ވަނީ ފަށާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި ފަތުރުވެރިކަމުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެއެވެ.
މި އަހަރުގެ މިހާތަނަށް ޖުމްލަ 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.9 އިންސައްތަ މަދު އަދަދެކެވެ. ނަމަވެސް އޯގަސްޓު މަހުގެ ތަފާސްހިސާބުތަކުން ފެންނަނީ ސިނާއަތް އަލުން އިއާދަވަމުންދާ ކަމުގެ އުންމީދީ ނިޝާންތަކެކެވެ.