ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު މާރުކުރާނަމަ އެކަން ހުއްޓުވާނަން: މާލީ ވަޒީރު

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު. ފޮޓޯ: މަޖިލިސް
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު. ފޮޓޯ: މަޖިލިސް

ދައުލަތުގެ ބައެއް ކުންފުނިތަކުން ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާނަމަ އެކަން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލުގައި، ބައެއް ކުންފުނިތަކުން ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ކަމަށާއި، އެސްޓީއޯއިން ގެންނަ ތެޔޮ ރިސޯޓުތަކަށް ބޮޑު އަގުގައި ވިއްކާ ކަމަށް ތުހުމަތު ކުރެއްވިއެވެ. މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، ކުންފުނިތަކަކީ ވަކި ޤާނޫނީ ޝަޚްޞުތަކަކަށް ވާތީ އެ ތަންތަނުގެ ދުވަހުން ދުވަހަށް ކުރާ ޚަރަދުތައް ސަރުކާރުން ސީދާ ނުބަލާ ކަމަށެވެ. ނަމަވެސް، ޑޮލަރު މާރުކުރުމުގެ ނޭދެވޭ ޢަމަލެއް ހިންގާނަމަ އެކަން ބަލައި ހުއްޓުވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ޑޮލަރުގެ އަގު އުފުލެން ދިމާވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ އޭޕްރިލް މަހު ދައްކަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަކީ ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދިއުމަށް މެދުވެރިވި މުހިންމު ސަބަބެއް ކަމަށެވެ. މި ސުކޫކަކީ 2021 ވަނަ އަހަރު ނަގާފައިވާ ދަރަންޏެއްކަން ފާހަގަކުރައްވައި، އިންޓަރެސްޓާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު މިހާރު ދައްކާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 8.5 ބިލިއަން ރުފިޔާ އިޤްތިޞާދުގެ ތެރެއަށް ނެރެފައިވުމަކީވެސް ޑޮލަރުގެ ތާށިކަން ކުރިމަތިވި ސަބަބެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ