ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެމް.އޭ.ސީ.އެލް އިން މޮސްކޯއަށް

ރަޝިޔާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް
ރަޝިޔާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

ރަޝިޔާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ރަޝިޔާއަށް ކުރާ ރަސްމީ ދަތުރެއްގައި ބައިވެރިވެއްޖެއެވެ. މި މަހުގެ 17 އިން 21 އަށް ރަޝިޔާގެ ވެރިރަށް މޮސްކޯ އަދި ވިޔަފާރީގެ މަރުކަޒެއް ކަމަށްވާ ސެއިންޓް ޕީޓަރސްބާގަށް ކުރާ މި ދަތުރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެއެވެ.

މި ވަފުދުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނާއި، ވިޒިޓް މޯލްޑިވްސް އާއި، އެމް.އޭ.ސީ.އެލްގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަން އާއި ރިސޯޓް ލައިފް ޓްރެވަލް އަދި އިން ޓުއާ މޯލްޑިވްސް ފަދަ އަމިއްލަ ކުންފުނިތައް ހިމެނެއެވެ. ރަޝިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓަށް ވާއިރު، މި ދަތުރުގެ މައިގަނޑު ބޭނުމަކީ އެ ގައުމުން ރާއްޖެއަށް އޮތް ތަރުހީބު އިތުރަށް ބޮޑުކޮށް، މާކެޓު ފުޅާކުރުމަށް މަޝްވަރާކުރުމެވެ.

މި ދަތުރުގެ ތެރޭގައި އެމް.އޭ.ސީ.އެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ގުޅެން ބޭނުންވާ އެއާލައިންތަކާ ބައްދަލުކުރާނެއެވެ. މި ބައްދަލުވުންތަކުގައި މިހާރު ދޭ ހިދުމަތްތަކުގެ ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމަށާއި، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި މެދުކެނޑުމެއްނެތި ދަތުރުތައް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި ރާއްޖެއަށް ސީދާ ދަތުރުތައް އަލަށް ފެށުމުގެ ފުރުސަތުތައް ހޯދުމަކީ ވެސް މި ދަތުރުގެ މުހިންމު އަމާޒެކެވެ.

މީގެ އިތުރުން، ރޫސީވިލާތުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސަބަބުން، ފަތުރުވެރިންގެ ތަރުހީބު އިތުރުވަމުންދާ ދާއިރާތައް ދެނެގަނެވި، ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތްތައް ވަރުގަދަވެގެންދާނެއެވެ. މި ދަތުރަކީ 2026 ވަނަ އަހަރުގެ ޖުލައި މަހު ޗައިނާއަށް ކުރި ކާމިޔާބު ދަތުރަށްފަހު، ބައިނަލްއަގުވާމީ މުހިންމު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރެވޭ ސިލްސިލާ މަސައްކަތްތަކުގެ ބައެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ