ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު އާންމުން ހޭލުންތެރިކުރުމަށާއި، "ޖެނެރޭޝަނަލް ބޭން" ނުވަތަ ވަކި އުމުރަކުން ފެށިގެން ދުންފަތް މަނާކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ހިންގާ ގައުމީ ކެމްޕޭން އިތުރަށް ފުޅާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި މި ނިންމެވުންތަކުގެ ތަފުސީލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ހާމަކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައިވާ ގޮތުން، ސްކޫލް ނިޒާމުގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ. މި މަސައްކަތް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ހެލްތުގެ އިރުޝާދުގެ ދަށުންނެވެ. މީގެ އިތުރުން، މި ކެމްޕޭން ވިލަރެސްކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި ކެމްޕޭންގައި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި މަސައްކަތުގައި ބައިވެރިވާނެ ފަރާތެއް ހެލްތު މިނިސްޓްރީން ކަނޑައަޅާނެއެވެ. ކެމްޕޭނުގެ ފުރަތަމަ މަރުހަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމިއްޔާ، އަދި މާލޭ ސަރަހައްދުން ގިނަ އަދަދެއްގެ ޖަމިއްޔާތައް ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައްވެސް މި ކެމްޕޭންގައި ބައިވެރިކުރާނެއެވެ.
ކުޅިވަރުގެ ދާއިރާއަށް އަމާޒުކޮށްގެން ނިންމާފައިވާ މުހިންމު އެއް ނިންމުމަކީ، ގައުމީ ޓީމުތަކުގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ އެތުލީޓުންނަށް އެކަނި ކަމަށް ހެދުމެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެތުލީޓުންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމަށް ހާއްސަ އަމާޒުތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. މިއީ ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި ކަމެކެވެ.