'ވާނުވާ' ބަންދުގައި ތިބޭ މީހުން އެންމެ މަދު ގައުމަށް ރާއްޖެ ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

473366756_122203973216188049_6827866899314964318_n

'ވާނުވާ' ބަންދުގައި ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި މުހިންމު ނިންމެވުން ނިންމަވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއީ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، އަދި އެމަނިކުފާނު ނުހަނު އިސްކަންދެއްވާ ކަމެކެވެ.

މި މައްސަލައާ ގުޅޭގޮތުން ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކަށް އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ވާނުވާ ބަންދުގެ މައްސަލަތައް މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ނިންމަވާނެ ކަމަށް ރައީސް ކުރިން ވިދާޅުވި ނަމަވެސް، އެކަމަށް އަދި އެދެވޭ ބޮޑު ހައްލެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ. ވާނުވާ ބަންދުގެ މައްސަލައަކީ އިންސާނީ ހައްގުތަކާ ގުޅުންހުރި، އަދި އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައަކަށް ވުމާއެކު، ސަރުކާރުގެ މި ނިންމެވުމަކީ މި ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު، ޝަރުއީ ނިޒާމުގެ ތެރެއިން މި މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. މިކަމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި، އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ ބަންދުގައި ތިބޭ މީހުންގެ ހައްގުތައް ކަށަވަރުކޮށް، އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ