މާލޭގެ އައު މާރުކޭޓް ކޮމްޕްލެކްސް އެޅުމަށް އެއް މަސް ތެރޭގައި ބިން ހުސްކުރަނީ

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް

މާލޭގެ ދަތުރުވެރިންގެ މާރުކޭޓު ހުރި ސަރަހައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ "މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމަށްޓަކައި، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، މިހާރު މާރުކޭޓުގައި ތިބި ވިޔަފާރިވެރިންނަށް ވަގުތީގޮތުން ތަނެއް ހަމަޖައްސައި، މަސްދުވަހުގެ ތެރޭގައި ބިން ހުސްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަގުތީ މާރުކޭޓު އެޅުމަށްޓަކައި ކުރީގެ އެސްޓީއޯ އިމާރާތް ހުރި ބިމާއި ތައިސޭކޮށި ބަލަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަލަމައްޗަށް ބޮޑު ބަދަލެއް އަންނާނެ މި މަޝްރޫޢު ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިތާ ފަސް މަސް ވެފައިވީ ނަމަވެސް، މަސައްކަތް ފެށުން ލަސްވެފައިވަނީ ބިން ހަވާލުކުރުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދިމާވި ދަތިތަކަކާ ގުޅިގެން ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 116,999,624.94 ރުފިޔާއެވެ.

ހަ ފަންގިފިލާއަށް އިމާރާތްކުރާ މި ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ މަސް މާރުކޭޓަށެވެ. ދެވަނަ އަދި ތިންވަނަ ފަންގިފިލާގައި ތަރުކާރީ އާއި މޭވާގެ ވިޔަފާރިތަކަށް ގޮޅިތައް ހުންނައިރު، ހަތަރުވަނަ ފަންގިފިލާ ހާއްސަކުރާނީ ފުޑް ކޯޓުތަކަށެވެ. މީގެ އިތުރުން ބޭސްމެންޓާއި ޕާކިންގެ ވަސީލަތްތައްވެސް މި އިމާރާތުގައި ހިމެނޭނެއެވެ.

ޒަމާނީ ފަރުމާއަކަށް ތަރައްޤީކުރާ މި އިމާރާތް ނިމުމުން، މާލޭގެ މާރުކޭޓު ސަރަހައްދަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ