އެޗްޑީސީގެ އިދާރީ ހަރަދުތަކުން 137 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

ފޮޓޯ: އެޗްޑީސީ
ފޮޓޯ: އެޗްޑީސީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިދާރީ ހަރަދުތައް ބޮޑުތަނުން ކުޑަކޮށް، ކުންފުނީގެ މާލީ ހިންގުން ހަރުދަނާކޮށްފައިވާކަން އެ ކުންފުނީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މި ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެޗްޑީސީން ވަނީ އިދާރީ ހަރަދުތަކުން 137 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކޮށްފައެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު އިދާރީ ހަރަދުގެ ގޮތުގައި 848.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 710.8 މިލިއަން ރުފިޔާއަށް ތިރިކޮށްފައެވެ. މިއީ ގާތްގަނޑަކަށް 16.2 އިންސައްތައިގެ ދަށްވުމެކެވެ. މީގެއިތުރުން، ކުންފުނީގެ އޮޕަރޭޓިންގ މަސައްކަތްތަކުން ލިބުނު ފައިސާ ނުވަތަ ކޭޝް ފްލޯ ވެސް ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު 825.2 މިލިއަން ރުފިޔާގެ ނެގެޓިވް ކޭޝް ފްލޯއެއް އޮތް ނަމަވެސް، 2024 ވަނަ އަހަރު ވަނީ 157.8 މިލިއަން ރުފިޔާގެ ޕޮޒިޓިވް ކޭޝް ފްލޯއެއް ހޯދާފައެވެ.

ދަރަނި ކުޑަކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން، އެޗްޑީސީން ވަނީ 1.96 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާފައެވެ. މިއާއެކު ކުންފުނީގެ ދިގު މުއްދަތުގެ ލޯނުތަކުގެ އަދަދު 8.26 ބިލިއަނުން 7.48 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ. މި ފައިދާ ހާސިލުކުރުމުގައި އިންވެސްޓްމަންޓް ޕްރޮޕަޓީތަކުގެ އަގަށް އައި ކުރިއެރުމާއި އެހެނިހެން އާމްދަނީ މުހިންމު ދައުރެއް އަދާކުރިއެވެ.

2024 ވަނަ އަހަރު ނިމުނުއިރު އެޗްޑީސީގެ ޖުމްލަ އެސެޓްސްގެ އަގު ހުރީ 42.52 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 25.64 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕަޓީތަކެވެ. ކުންފުނީގެ ލަޔަބިލިޓީސް ނުވަތަ ޒިންމާތައް ވެސް ވަނީ 14.71 ބިލިއަނުން 14.09 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މި ބަދަލުތަކާއެކު ކުންފުނީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެފައިވާކަން އޮޑިޓް ރިޕޯޓުން ސާފުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ