ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި: ކަޅު ބާޒާރު ހުއްޓުވައި ރަސްމީ ނިޒާމު ވަރުގަދަކުރަނީ

މީހަކު ޑޮލަރުތަކެއް ގުނަނީ
މީހަކު ޑޮލަރުތަކެއް ގުނަނީ

ރާއްޖޭގައި ހިންގާ ބޭރު ފައިސާގެ ޣައިރު ގާނޫނީ މުއާމަލާތްތައް ހުއްޓުވައި، ރަސްމީ މާލީ ނިޒާމަށް އޮންނަ އިތުބާރު ބޮޑުކުރުމަށްޓަކައި ބޭރު ފައިސާގެ މުއާމަލާތްތަކާ ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ ބޭރު ފައިސާގެ ކަޅު ބާޒާރު ބަލިކަށިކޮށް، ރަސްމީ ނިޒާމުގެ ތެރެއިން މުއާމަލާތްތައް ހިންގުން ވަރުގަދަކުރުމެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގައިވާ ގޮތުން، ބޭރު ފައިސާގެ ހުރިހާ މުއާމަލާތެއްވެސް ހިންގަންވާނީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ ރަސްމީ ރޭޓުގައި ނުވަތަ ހުއްދަކޮށްފައިވާ ވަކި މިންގަނޑެއްގެ ތެރޭގައެވެ. މީގެ އިތުރުން، ރަސްމީ ރޭޓަށްވުރެ މަތީ އަގުތަކުގައި ފައިސާ ގަނެވިއްކުމަށް އިޝްތިހާރު ކުރުމާއި، ސޯޝަލް މީޑިއާ ގްރޫޕްތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ނުރަސްމީ ރޭޓުތައް ފެތުރުންވެސް މި ބިލުގެ ދަށުން މަނާވެގެންދާނެއެވެ. މިއީ ކަޅު ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަސްޓަމަރުން ހޯދުމަށް އޮންނަ މަގުތައް ހަނިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން، ގަވާއިދާ ހިލާފަށް މުއާމަލާތް ހިންގަނީ ކުންފުންޏެއް ނުވަތަ ގާނޫނީ ޝަހުސެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެ ކަމުގައި ބައިވެރިވާ ފަރުދުންގެ އިތުރުން އެ މުއައްސަސާއެއްވެސް ޒިންމާދާރުކޮށް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެއެވެ. އަދި ކުރާ އަމަލަކީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމުގައިވާނަމަ، ބޭރު ފައިސާގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން ޖިނާއީ ދައުވާވެސް އުފުލޭނެއެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި، މި އިސްލާހަކީ ބޭރު ފައިސާއިން އާ ޓެކްސްއެއް ނެގުމަށް ނުވަތަ ގާނޫނީ އިމުގެ ތެރެއިން ހިންގާ އާންމު މުއާމަލާތްތަކަށް ހުރަސްއެޅުމަށް ހުށަހަޅާފައިވާ ބަދަލެއް ނޫނެވެ. ރަސްމީ ރޭޓުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހިންގާ މުއާމަލާތްތައް މެދުނުކެނޑި ކުރިއަށްދާނެއެވެ. މި ބަދަލުގެ ސަބަބުން މާލީ ބާޒާރުގައި އަގުތައް އެއްހަމައެއްގައި ހިފެހެއްޓި، އާންމުންނާއި ވިޔަފާރިތަކަށް ދެފުށް ފެންނަ ރައްކާތެރި މާލީ މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ