މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމް" ގެ ދަށުން، މިއަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކ. މަނިޔަފުށީގައި ހުންނަ މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި މަހުގެ 8 އިން 19 އަށް ކުރިއަށްގެންދިޔަ މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. ރާއްޖޭގެ އެކި އަތޮޅުތަކުން ޖުމްލަ 8 ބައިވެރިން މި ކޯހުގައި ބައިވެރިވެ، ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިންމު ލަނޑުދަނޑިތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މެރިކަލްޗަރ ސިނާއަތެއް ގާއިމުކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ދިވެހި ޒުވާނުންނަށް ދަސްކޮށްދީ، މި ދާއިރާއިން މީހުން ބިނާކުރުމެވެ.
ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ "ޓްރާންސްފޯމް" ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ މި ކޯހުގައި، މި ދާއިރާއަށް ބޭނުންވާ ގިނަ މުހިންމު ބައިތަކެއް ވަނީ އުނގަންނައިދީފައެވެ. އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ބައިތަކަކީ:
- އެކުއަކަލްޗަރގެ ނިޒާމުތައް ދެނެގަތުން
- އެކުއަކަލްޗަރއަށް ބޭނުންވާ ދިރޭ ކާނާ އާލާކުރުން
- ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން
- ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން
- ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން
- އިތާމުތް އަދި ސީވީޑް އާލާކުރުން
- އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، ބަލިތަކުން ރައްކާތެރިވުމާއި ފަރުވާދިނުން
- ދިރުންތައް އާލާކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑވާނެ ގޮތްތަކާއި ތިމާވެށި ރައްކާތެރިކުރުން
މަސްވެރިކަމާބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، މި ތަމްރީނުގެ ސަބަބުން ކޯހުގެ ބައިވެރިންނަށް އެކުއަކަލްޗަރގެ ނިޒާމުތަކުގެ ތިއަރީ މައުލޫމާތުގެ އިތުރުން، އަމަލީ ގޮތުން ފާނައާއި ހުއިފިލަނޑާ އަދި މާގަނޑުމަސް ފަދަ ތަކެތި އާލާކުރުމުގެ ފުރިހަމަ ތަޖުރިބާ އުގަންނައިދީފައިވާނެއެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު އުސޫލުތައްވެސް ބައިވެރިންނަށް ކިޔާދެވުނުކަމަށް މައުލޫމާތު ދީފައިވެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމްގެ ތިންވަނަ ބުރު އާންމުންނަށް ހުޅުވާލައިގެން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ކަނޑުގެ ވަސީލަތްތަކުން އާމްދަނީ ހޯދޭނެ އައު ދޮރުތައް ޒުވާނުންނަށް ހުޅުވިގެންދާނެ ކަމަށް އެ ވުޒާރާއިން ގަބޫލުކުރެއެވެ.