ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން ހިތުން ކިޔެވުމުގެ މުބާރާތުން ރާއްޖޭގެ އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ފަޚުރުވެރި ހަތަރުވަނަ ހާސިލުކޮށްފިއެވެ. މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ވާދަކޮށް ޝާޔާ ހޯދި މި ކާމިޔާބީއާއެކު، އިނާމެއްގެ ގޮތުގައި އޭނާއަށް 170,000 ސައުދީ ރިޔާލް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މައްކާގެ މާތްވެގެންވާ ޙަރަމްފުޅުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މި ޖަލްސާގައި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރު ބޭއްވުނީ މި މުބާރާތުގެ 46 ވަނަ އެޑިޝަނެވެ. މިއީ 133 ޤައުމަކުން ބައިވެރިވި މި މުބާރާތުގެ ދިގު ތާރީޚުގައި އަންހެން ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދީ، އެ ކުދިންނަށް ޚާއްސަ ގޮފިއެއް ހިމެނި ފުރަތަމަ ފަހަރެވެ. މި ތާރީޚީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ސައުދީގެ އިސްލާމިކް މިނިސްޓަރު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި، މި ބޮޑު ކާމިޔާބީއަށްޓަކައި މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ. ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު މުބާރާތަކުން ރާއްޖޭގެ ބައިވެރިއަކު ވަނައެއް ހާސިލުކުރުމަކީ ދިވެހި އުންމަތަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.