އެމްއެމްއޭ އިން އެކުލަވާލި ދެ ގަވާއިދަކަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

MMA

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލާފައިވާ ދެ ގަވާއިދަކަށް އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މާލީ ދާއިރާއާ ގުޅުންހުރި މުހިންމު ދެ ދާއިރާއަކުންނެވެ.

އެމްއެމްއޭ އިން ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ 'ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަން' އާއި 'ސިމްޕްލިފައިޑް އެންޑް އިލެކްޓްރޯނިކް ކަސްޓަމަރ ޑިއުޑެލިޖަންސް ރެގިއުލޭޝަން' އަށެވެ.

މީގެ ތެރެއިން ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނަކީ މާލީ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އެފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ސަބަބުން މާލީ އިދާރާތަކުން ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ދެވަނަ ގަވާއިދަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގައި ބަޔާންކޮށްފައިވަނީ ހިދުމަތް ހޯދާ ފަރާތްތަކުގެ ވަނަވަރު ދެނެގަތުމާއި، އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގައި އަމަލުކުރަންޖެހޭނެ މިންގަނޑުތަކެވެ.

މި ދެ ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 ވާ ބުދަ ދުވަހުގެ ހަވީރު 15:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން ހިޔާލު ހުށަހަޅަންޖެހެނީ އެމްއެމްއޭގެ އީމެއިލް އެޑްރެސް fcu@mma.gov.mv އަށެވެ.

އާންމުންގެ އިތުރުން، މި ގަވާއިދުތަކާ ގުޅޭގޮތުން މާލީ އިދާރާތަކާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށްވެސް އެމްއެމްއޭ އިން ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ އޮތޯރިޓީން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ