ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކުރައްވައިފި

ޔަޒްމީދު މުހައްމަދު
ޔަޒްމީދު މުހައްމަދު

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކުރައްވައިފިއެވެ. ފަސް އަހަރު ދުވަހުގެ ދައުރަކަށް އައްޔަންކުރެއްވި ޔަޒްމީދު، އެ މަގާމުގެ މަސައްކަތްތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު ކަމަށް ޕެންޝަން އޮފީހުން މައުލޫމާތުދެއެވެ.

ޔަޒްމީދަކީ މާލީ ދާއިރާ އާއި ގަވަނަންސްގެ އިތުރުން ޕަބްލިކް ސެކްޓާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައި، ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަމުގެ މަގާމު ވެސް ފުރުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި ހުންނެވުމަށް ފަހު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ.

ތައުލީމީ ގޮތުން ބަލާއިރު ޔަޒްމީދަކީ އޭސީސީއޭ ސެޓިފައިޑް ޗާޓާޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައި، އޮކްސްފޯޑު ބްރޫކްސް ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން ފަސްޓް ކްލާސް އޮނާސް ޑިގްރީއެއް ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަން ވެސް އޭނާ ކުރެއްވިއެވެ.

ޔަޒްމީދު ޕެންޝަން އޮފީހުގެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާއިރު، އެ އޮފީހުގެ ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން ދާދި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޕެންޝަން ފަންޑުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މަރުކަޒީ ބޭންކަށް ވިއްކާލުމަށް ފަހު، ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރަން ނިންމި ނިންމުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގައި، އޭރުގެ ސީއީއޯ އާއި ޗެއާމަން ހިމެނޭހެން ބައެއް އިސްވެރިން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައިވާ ޔަޒްމީދު ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިހާބުގައި އޭނާއަށް ކާމިޔާބީއެއް ލިބިވަޑައެއް ނުގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ