ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'ޖީއީ ހެލްތްކެއަރ' އިން އަލަށް ބާޒާރަށް ނެރުނު ޕޯޓަބަލް އަލްޓްރާސައުންޑް 'ވީ ސްކޭން' ގެ މޮޑެލްތައް އެސްޓީއޯ ހެލްތްކެއަރ އިން ރާއްޖެއަށް ރަސްމީކޮށް ތައާރަފްކޮށްފިއެވެ. ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވަސީލަތްތައް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝިމާދު އިބްރާހިމާއި ޖީއީ ހެލްތްކެއަރގެ ދެކުނު އޭޝިއާ ސަރަހައްދުގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ.
އެސްޓީއޯ އިން މައުލޫމާތު ދިން ގޮތުގައި، މި ޑިވައިސްއަކީ ސްކޭންގެ ހިދުމަތް ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ބޭރަށް ނެރެ، ބަލިމީހުންނާ ވީހާވެސް ގާތުން އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު ވަސީލަތެކެވެ. ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދި ރަށްރަށަށް ޒަމާނީ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެސްޓީއޯގެ ހެލްތްކެއަރ ޓީމުން ފާހަގަކުރެއެވެ.
ޖީބަށް ލެވޭހާ ކުޑަ މި ޑިވައިސް، އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކާއި ލެޕްޓޮޕްތަކާ ފަސޭހަކަމާއެކު ގުޅާލެވޭއިރު، ސްކޭން ކުރެވޭ ތަސްވީރުތައް ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ 'ޑައިކޮމް' ސްޓޭންޑަޑްގައި ހިއްސާކުރުމުގެ ގާބިލުކަން ލިބިފައިވެއެވެ. ސްކޭން މެޝިންތަކުގެ ދާއިރާއިން ޖީއީ ހެލްތްކެއަރ އަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ބްރޭންޑެކެވެ. ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކެއްގައި މިހާރުވެސް މި ބްރޭންޑްގެ ވަސީލަތްތައް ބޭނުންކުރަމުން އަންނައިރު، ރާއްޖޭގައި މި ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ.
މީގެއިތުރުން، މި މެޝިނަރީތަކަށް ބޭނުންވާ 'އާފްޓަރ ސޭލްސް ސަރވިސް' ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި، އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުން ވަނީ ޖީއީގެ އެކި މޮޑަލިޓީތަކަށް ހާއްސަ އިންޖިނިއަރުން ތަމްރީނުކޮށްފައެވެ. މިގޮތުން އެމްއާރުއައި، ސީޓީ ސްކޭން، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް ފަދަ ދާއިރާތަކުން ސެޓިފައިޑް އިންޖިނިއަރުން ހަރަކާތްތެރިވަމުން އަންނައިރު، މި ޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ހިމެނޭކަން އެސްޓީއޯއިން ފަޚުރުވެރިކަމާއެކު ފާހަގަކޮށްފައިވެއެވެ.