ކަސްޓަމްސްއަކީ ހަމައެކަނި ދައުލަތަށް އާމްދަނީ ހޯދުމާއި ބޯޑަރު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރާ އިދާރާއެއްގެ ގޮތުގައި ކުރިން ދެކެވުނު ނަމަވެސް، މިއަދު އެ މުއައްސަސާގެ މަސްއޫލިއްޔަތުތައް އެއަށްވުރެ މާ ބޮޑަށް ފުޅާވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ކަސްޓަމްސް ސަބްގްރޫޕް" ގެ 14 ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ކަސްޓަމްސްގެ ނިޒާމުތަކާއި ބޯޑަރުގެ ވަސީލަތްތައް ޒަމާނީކޮށް، ސަރަޙައްދީ ވިޔަފާރި ކުރިއެރުވުމަށް ޑިޖިޓަލް ވަސީލަތްތަކަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ނަމަވެސް، ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ނަތީޖާ ނުނެރެވޭނެ ކަމަށާއި، އިޖުރާއަތްތައް ލަސްވާނަމަ ޒަމާނީ ބަނދަރުތަކުގެ ފުރިހަމަ ފައިދާ ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޑިޖިޓަލް ކަސްޓަމްސް ނިޒާމެއްގެ މަންފާ އެންމެ ފުރިހަމައަށް ލިބޭނީ ވަކިވަކި އިދާރާތަކުގެ ބަދަލުގައި ހުރިހާ ނިޒާމުތަކެއް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ޑިޖިޓަލައިޒްވުމަކީ ހަމައެކަނި ކަރުދާސް ފޯމުތައް އިލެކްޓްރޯނިކް ފޯމަށް ބަދަލުކުރުން ނޫން ކަމަށާއި، އަމާޒަކަށް ވާންވީ އުސޫލުތައް އަލުން ބައްޓަންކޮށް ބޭނުންނެތް އިޖުރާއަތްތައް އުވާލުން ކަމަށެވެ.
މީގެ އިތުރުން، ޤާނޫނީ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމާއި، ޣައިރު ޤާނޫނީ ވިޔަފާރިތައް ހުއްޓުވައި ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކަސްޓަމްސްގެ މުހިންމު ޒިންމާތަކެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަހުގެ 19 އިން 20 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ވިޔަފާރި ފަސޭހަކޮށްދިނުމާއި، ބޯޑަރުތައް ރައްކާތެރިކުރުމަށް ބޭނުންވާ ޑިޖިޓަލް ވަސީލަތްތައް ތަރައްޤީކުރުމުގައި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.