ކައުއިތުރު މާތް ނަބިއްޔާ ﷺ ދެކެ ލޯބިވުމާއި، އެކަލޭގެފާނުގެ މަތިވެރި ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. "މާތް ނަބިއްޔާ ﷺ ދެކެ ލޯބިވުން" މި މަޢުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ، އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން ހަނދާންކޮށްދީފައެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް ރަސޫލާ ﷺ ދެކެ ލޯބިވާންޖެހެއެވެ. އެކަލޭގެފާނަށް ފުރައްސާރަކުރުމާއި ކުޑައިމީސް ބަސްބުނުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަންކަން ކަމަށާއި، އެފަދަ މީހުންނަކީ މާތް ﷲ ލަޢުނަތްލައްވައި، ވޭންދެނިވި ޢަޛާބު ދެއްވާނެ ބައެއް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ. މީގެ އިތުރުން، ނަބީބޭކަލުންނަށް ފުރައްސާރަކުރުމަކީ ތާރީޚުގެ ތެރެއިންވެސް ފެންނަން އޮތް ކަމެއް ކަމަށާއި، ނަމަވެސް ކޮންމެ ފަހަރަކުވެސް މާތް ﷲ އެކަލާނގެ ރަސޫލުންނަށް ނަޞްރުދެއްވައި، ފުރައްސާރަވެރިން ނިކަމެތިކުރައްވާފައިވާކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ރަސޫލާ ﷺ ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނު އުންމަތަށް ދެއްކެވި އަޚުލާޤީ މިންގަނޑުތަކަށް ތަބާވުން ކަމަށް ޚުޠުބާގައި ބުންޏެވެ. މީގެ ތެރޭގައި ތެދުބަސްބުނުމާއި، ކެތްތެރިވުމާއި، ޢަދުލުވެރިވުމުގެ އިތުރުން އެކަކު އަނެކަކަށް އިޙުތިރާމުކުރުމާއި މަޑުމޮޅިވުން ފަދަ މަތިވެރި ސިފަތައް ހިމެނެއެވެ. އަދި އެކަލޭގެފާނަށް ކިޔަމަންގަތުމަކީ ސުވަރުގެ ވަދެވޭން އޮތް މަގު ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، އިސްލާމީ އުންމަތަށްޓަކައި ރަސޫލާ ﷺ ދޫކުރެއްވި ތަރިކައިގައި ވަރުގަދައަށް ހިފެހެއްޓުމަށް ގޮވާލާފައެވެ. މާތް ﷲ ބާވައިލެއްވި ފޮތާއި ރަސޫލާގެ ސުންނަތުގައި ހިފަހައްޓައިފި ބަޔަކު ދުވަހަކުވެސް މަގުއޮޅިގެން ނުދާނެކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.