ޒަރޫރީ މުދާ އެތެރެކުރާ ވިޔަފާރިތަކަށް ޑޮލަރު ދޫކުރުމަށް ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރަނީ

MMA

ޒަރޫރީ މުދާ ރާއްޖެއަށް އެތެރެކުރާ ވިޔަފާރިތަކަށް ބޭރު ފައިސާ ނުވަތަ ޑޮލަރު ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލެއް ގާއިމުކުރުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ވެރިފިކޭޝަން ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި، މި ނިޒާމަކީ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ޑޮލަރު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ. މި ނިޒާމުގެ މައިގަނޑު ބޭނުމަކީ ޓީޓީ (ޓެލެގްރަފިކް ޓްރާންސްފާ) މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުން، އެ ފައިސާއާ އެއްވަރުގެ މުދާ ރާއްޖެއަށް އެތެރެކުރާކަން ކަށަވަރުކުރުމެވެ.

މި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، މި މަސް ނިމުމުގެ ކުރިން މި ސިސްޓަމް އަމަލީ ގޮތުން ބޭނުންކުރަން ފެށޭނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. މީގެ އިތުރުން، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން، ޒަރޫރީ މުދާ އެތެރެކުރާ ހަގީގީ ވިޔަފާރިވެރިން ދެނެގަތުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް އެކަނިވެސް 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ދޫކޮށްފައެވެ. އަދި އެކި ބޭނުންތަކަށް ޖުމްލަ 570 މިލިއަން ޑޮލަރު ބޭންކުން ފޯރުކޮށްދީފައިވާއިރު، މިއީ ދުވާލަކަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރެވެ.

ޑޮލަރުގެ ތާށިކަން ހައްލުކުރުމަށްޓަކައި، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު ތިން ހަފުތާގެ މުއްދަތަށް އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ބީއެމްއެލްއިން ވެސް ވަނީ ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް މި މަހުގެ 11 ވަނަ ދުވަހު ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ