ރާއްޖޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަން ލާޒިމުކުރާ މިންވަރު 20 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަނަރު ވިދާޅުވީ، މި ބަދަލަކީ ބޭރު ފައިސާގެ ބާޒާރު ރެގިއުލޭޓުކޮށް، މުދާ އިމްޕޯޓުކުރާ ވިޔަފާރިވެރިންނަށް ބޭނުންވާ ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މިކަން ތަންފީޒުކުރުމަށްޓަކައި ބޭރު ފައިސާގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އިސްލާހުގެ ދަށުން ގެންނަން ނިންމާފައިވާ އަނެއް މުހިންމު ބަދަލަކީ، ބޭރު ފައިސާ މާރުކުރުމަށް މިހާރު ގާނޫނުގައި ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތު ކުރުކޮށް، ކޮންމެ މަހަކުވެސް ފައިސާ މާރުކުރަންޖެހޭ ގޮތަށް ހެދުމެވެ. މީގެ އިތުރުން، ގާނޫނީ ގޮތުން ޑޮލަރުން ކުރަން ހުއްދަދީފައިވާ މުއާމަލާތްތަކުގެ ތަފުސީލުތައް މަރުކަޒީ ބޭންކާ ހިއްސާކުރުންވެސް މި ބަދަލާއެކު ލާޒިމުވާނެއެވެ.
ގަވަނަރު މުނައްވަރު ވިދާޅުވި ގޮތުގައި، އެމްއެމްއޭގެ މައިގަނޑު ތަސައްވުރަކީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދު ޑީ-ޑޮލަރައިޒްކޮށް، ހުރިހާ މުދަލަކާއި ހިދުމަތަކަށް ދިވެހި ރުފިޔާއިން އަގު ނަގާ ގޮތަށް ހެދުމެވެ. މިއީ ކުރީގެ ގަވަނަރުންވެސް ގެންގުޅުއްވި ތަސައްވުރެއްކަން ފާހަގަކުރައްވަމުން، ނިމިދިޔަ ސަރުކާރުގައި މި ނިސްބަތް 60 އިންސައްތައަށް ބޮޑުކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ތަންފީޒުވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ސަބަބުން ބޭންކުތަކަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެ، ޓީޓީ ހެދުމަށް ވިޔަފާރިވެރިންނަށް ދޫކުރާ ފައިސާގެ މިންވަރު އިތުރުކުރެވޭނެ ކަމަށްވެސް ގަވަނަރު ފާހަގަކުރެއްވިއެވެ.